ދިފާއީ ގުޅުން ވަރުގަދަކުރަން ރާއްޖެއާއި މެލޭޝިއާ މަޝްވަރާކޮށްފި އެވެ.
މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ މެލޭޝިއާގައި މިހާރު ކުރިއަށްދާ ލަންގްކާވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އޭރޯސްޕޭސް އެގްޒިބިޝަންގެ ހަވާސާގައި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ހާލިދު ބިން ނޯޑިންއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ބައްދަލުކުރެއްވުމަށްފަހު އެވެ.
މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމާއި ގުޅޭގޮތުންނާއި ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް މެރިޓައިމް އެންޑް އޭރޯސްޕޭސް އެކްޒިބިޝަންގައި މިއަހަރު 24 ގައުމަކުން 860 މަންދޫބުން ބައިވެރިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ސަލާމަތީ ހިދުމަތްތައް ބަލަހައްޓާ އިދާރާތައް ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އަދި ހިލޭ އެހީގެ ގޮތުގައި ބައެއް ފުރުސަތުތަކާއި ވަސީލަތްތައް ހޯދައިދެ އެވެ.




