ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމަށް ނިންމައިފި

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ނުވަތަ "ވާނުވާ"ގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ހާއްސަ އެސެސްމަންޓެއް ތައްޔާރުކުރުމަށް ހަމަޖެހިފައިވެ އެވެ.

"މި އެސެސްމަންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ އެވެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެކެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއި ދެވޭނީ އެ މީހުންގެ އެސެސްމަންޓް ރިޕޯޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވިދާނެ ކަމަށް އެ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ.

ލުއި ދޭން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ)ގެ ހަވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.

ޕީޖީ އޮފީހުން ބުނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާ ކުރުމަށް ކޮންމެ 100 ދުވަހަކުން އެއް ފަހަރު އެ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖައާ ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ބުންޏެވެ.

ބަންދަށް ލުއިދިނުމަށް އެދި ހުށަހެޅުން

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅަންޖެހެނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" މެދުވެރިިކޮށެވެ. ނުވަތަ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ހުށަހެޅިދާނެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ކަމާ ގުޅޭ ފޯމު ލިބުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *