ރައުދު ދޫކޮށްލައިފި

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) މިއަދުން ބަންދުން ދޫކޮށްލައިފި އެވެ.

ރައުދު ހައްޔަރުކުރީ މިދިޔަ އޭޕްރީލް 24 ވަނަ ދުވަހު އެވެ.

ފުލުހުންގެ ބަންދުން މިއަދު ރައުދު ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކޯޓުން ދިން 20 ދުވަހުގެ މުއްދަތު ހަމަނުވަނީހެވެ.

ރައުދު ބަންދުން ދޫކޮށްލި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ރައުދު މިނިވަންކޮށްފައި މިވަނީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށެވެ.

ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާތަނަށް ވަނީ ހަތަރު ފަހަރަށް މުއްދަތު ދީފަ އެވެ. އެއީ:

25 އޭޕްރީލްގައި ފަސް ދުވަސް
30 އޭޕްރީލްގައި 10 ދުވަސް
10 މެއިގައި ފަސް ދުވަސް
15 މެއިގައި 20 ދުވަސް
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

ރައުދު މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ.

ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.

ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *