ދިވެހި ހައްޖުވެރިން ފުރަން ތައްޔާރުވަމުންދާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އެ ދުވަސްވަރު ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީވެ އިތުރު ފުލުހުން އެއާޕޯޓް ސަރަހައްދަށް ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.
ހައްޖުވެރިން ސައުދި އަރަބިއްޔާއަށް ފުރާނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އެ ދުވަސްތަކުގައި އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭތީ އޮމާންކަމާއެކު ޓްރެފިކާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެހެންވެ އެއާޕޯޓުން ފުރާ އެހެން މީހުންނަށްވެސް އެ ދުވަސްތަކުގައި ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެދުވަސްތަކުގައި ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިފައިވެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ ކުރިއަށް އޮތް ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.




