އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރަށް ހަދާނަން

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭނެއް އެކުލަވާލައިގެން ވަށާޖެހޭ ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުފެއްދުންތެރިކަމުގެ މައުރަޒަށް ރޭ ޒިޔާރަތް ކުރައްވައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިއްމު ވައުދެއް ކަމުގައިވެސް ފާހަގަކުރެއްވި އެވެ. ދެހާސް ތިރިސްވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން ރައީސް ވަނީ އިއުލާންވެސް ކުރައްވާފަ އެވެ.

"މިފަހަރުގެ މައުރަޒަށް ބަލާލުމުންވެސް އޭގެ ކުރިން އެކަން ހާސިލްކުރެވޭނެ ކަމަށް ބެލެވޭ،" ރައީސް ވިދާޅުވި އެވެ.

އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީވެސް ވަރަށް ކާމިޔާބު މައުރަޒެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި މައުރަޒުގެ މަގުސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުން ކަމަށްވާތީ އެކަން ހާސިލްވެފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު އަލުން މައުރަޒު ހުޅުވާލުމަކީ ފެށުމެއް ކަމުގައި ވިދާޅުވެ އެ ފެށުން ރައްޔިތުން ބަލައިގެންފައިވާ މިންވަރު، މައުރަޒަށް ޒިޔާރަތްކުރުމުން ފެނިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އަމިއްލަ މުއްސަދިކަމާއި މުޅި ގައުމުގެ މުއްސަދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށް ދާން ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ އަހަރުގެ މެއި 19 ވަނަ ދުވަހު އެވެ. މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *