ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކުރިއަށް އޮތް ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.
އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން ވީއައިއޭ ހިންގާ ކުންފުނި — އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހްމަދު ވިދާޅުވީ ވީއައިއޭގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މިވަގުތު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ޖުލައި 26 އަށް އާ ޓާމިނަލްގެ އެއްބައި ހުޅުވާލުން ކަމަށެވެ.
"އާ ޓާމިނަލާ އެކު ހިދުމަތްތަކަށް ބަދަލުތަކެއް އަންނާނެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައްވެސް އޭރުން ހުންނާނެ. އޭރުން ދެން ހުންނާނީ އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން،" ޝަފީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލް ހުޅުވީ މުޅިން އަލަށް ބަހައްޓާފައިވާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ.
އެއިރޯބްރިޖު ހުޅުވުމުން ޕެސެންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތް ވުމެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޓާމިނަލުން ނިކުމެ އިރުކޮޅަކު ހާމަތަނެއްގައި ހިނގަމުން ގޮސް ބޯޓަށް އެރުމެވެ.
ޝަަފީޒު އިތުރަށް ވިދާޅުވީ އާ ޓާމިނަލް ހުޅުވުމާ އެކު މިހާރު ބޭނުންކުރާ ޓާމިނަލް އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ގިނަވެގެން ތިން މަސް ދުވަސް ތެރޭގައި އާ ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީވެސް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އޭގެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައިވެސް އެސްއެފްޑީ) އިން 100 މިލިއަން ޑޮލަރުގެ ލޯނެއް މިމަޝްރޫއަށް ނަގާފައިވެ އެވެ. މީގެއިތުރުން ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.




