ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށް ދެ ބޭފުޅަކު ހޮވައިފި އެވެ.
އޮންލައިންކޮށް އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރީ މުހައްމަދު އަޒުމީއާއި، މުހައްމަދު ޝަފީއު އެވެ. އަޒްމީއަށް ތާއީދުކޮށް 132 ވަކީލަކު ވޯޓު ދެއްވިއިރު ޝަފީއުއަށް ތާއީދުކޮށް 270 ވަކީލަކު ވޯޓު ދެއްވި އެވެ.
އިއްޔެގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1،078 ގާނޫނީ ވަކީލުންނެވެ.
ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރާ އިދާރީ — ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނެނީ ރައީސަކާއި ނައިބް ރައީސްގެ އިތުރުން ހަތް މެންބަރުންނެވެ.
ބާ ކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނެވީ ތަޖުރިބާކާރު ގާނޫނީ ވަކީލް ހުސައިން ސިރާޖެވެ.
އަޒްމީ އާއި ޝަފީއު އެގްޒެކްޓިވް ކޮމިޓީއަށް ހޮވީ ބައެއް މެންބަރުންގެ ދައުރު ހަމަވާތީ އެ ބޭފުޅުންގެ ބަދަލުގައެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބް ރައީސްއާއި އިތުރު ދެ މެންބަރެއްގެ ދައުރުވެސް މިހާރު ވަނީ ހަމަވާން ކައިރިވެފަ އެވެ. އެ އިންތިހާބުވެސް ވަރަށް އަވަހަށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.




