މިއީ ދިވެހިންނަށް އެންމެ ލުއި ފަސޭހަ ހައްޖު މޫސުމަށް ވާނެ: ރައީސް

މިއަހަރަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިންގެ ފުރަތަަމަ ގުރޫޕް ސައުދި އަރަބިއްޔާއަށް ދިއުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރުގެ މުޅި ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ކަމަށެވެ. އެހެންވެ ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް މިއަހަރު ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއް،" ރައީސް ވިދާޅުވި އެވެ.

މައްކާ ރޫޓްގައި ރާއްޖެއިން ބައިވެރިވެފައިވާތީ ދިވެހި ހައްޖުވެރިން ރާއްޖެއާއި ވީއައިއޭ އާއި ޖިއްދާ އެއާޕޯޓްގެ އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ. މިއީ ޖިއްދާ އެއާޕޯޓްގައި ކުރީގައި އެތައް އިރަކު ތިބޭ ތިބުމަށް ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެކެވެ. އެ ފަސޭހަން މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގުރޫޕްގެ މީހުން ތަޖުރިބާކޮށްފައިވެ އެވެ.

ސައުދީގެ ގައުމީ އެއާލައިންގައި ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ ގުރޫޕްގައި ހިމެނެނީ 235 މީހުންނެވެ. އެ މީހުން އިއްޔެ ސައުދީއަށް ދިއުމުން ޖިއްދާ އެއާޕޯޓުން ސައުދީ ސަރުކާރާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން އަދި ދިވެހި ހައްޖު މިޝަންގެ އިސް ބޭފުޅުން ވަނީ ދިވެހި ހައްޖުވެރިންނަށް ހޫނު މަރްހަބާއެއް ކިޔާފަ އެވެ.

"ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވައި، ހައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި،" މިއަހަރު ހައްޖަށްދާ މީހުންނަށް ލިބޭ ލުއިތަކާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އުއްމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ރަނގަޅަށް ކަންކަން ދިއުން ކަމަށެވެ.

"ދިވެހި ހައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ހަމްދުކުރަން. އަދި ސައުދީ ސަރުކާރަށް ޝުކުރު ދަންނަވަން. ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ހައްޖެއް، ދިވެހި ހައްޖުވެރީންނަށް މާތްﷲ މިންވަރު ކުރައްވާށި. އާމީން،" ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *