ހަރަދު ދަށްކޮށް، ބަޖެޓް ބެލެންސް ސާޕްލަސްއަކަށް

ދައުލަތުގެ ބަޖެޓުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.9 އިންސައްތަ ދަށްކުރުމުން ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު ކެޕިޓަލް ހަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފަ އެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ހަރަދުގެ 60.9 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ހަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 70.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ 27.1 އިންސައްތައިން ދަށްވެފަ އެވެ. ހަމައެހެންމެ ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.7 އިންސައްތަ އިން ދަށްވެފަ އެވެ.

މި ހަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް އާސަންދައާއި، ހިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ހިދުމަތަށް ހަރަދުކޮށްފައިވާ މިންވަރު ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު މިމުއްދަތުގައި އިތުރެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެގޮތުން މަގުތަކާއި ބްރިޖްތަކާއި އެއާޕޯޓްތަކަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ. މިއީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި މިފަދަ ކަންކަމަށް ހިނގާނެ ހަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވާ މިންވަރުގެ 10.5 އިންސައްތަ އެވެ.

މިއަހަރަށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިންގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ހިންގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށެވެ. އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 801.1 މިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ކުޑަކުރެވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *