ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއާތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަގްވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ގްލޭޝިއަސް ޕްރިޒަވޭޝަން"ގެ އިފްތިތާހީ ސެޝަންގައި އިއްވެވި ބަޔާނެއް ގައެވެ.
މިބަޔާނުގައި ގްލޭޝިއަތައް ނެތިގެންދާ ހަލުވި ދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.
ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްގީއަށް މަގު ދައްކައިދޭ ގޮތަށް ރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) މި އަހަރު ހުށަހަޅާފައިވާކަން ނައިބް ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު 2035 ވަނަ އަހަރު އަންނަން ވާއިރަށް، ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅޭ އަޒުމު އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފަ އެވެ.
ނައިބް ރައީސްގެ ބަޔާނުގައި ކޮޕް-30ގެ ކުރިން ހުރިހާ ގައުމަކުންވެސް އެންޑީސީ ހުށަހެޅުމަށާއި، މި މަސައްކަތުގައި އަޒުމު ވަރުގަދަކޮށް ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރުމަށް ގައުމުތަކަށް ގޮވާލެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ހައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަގްވާމީ އަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލު ގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ހާއްސަ ފަންނިއްޔާތާއި ގާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރިކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ އެހީތެރިކަން މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ.
ނައިބް ރައީސްގެ ބަޔާން ނިންމަވާލައްވާފައިވަނީ ގަނޑުފެން ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަގްވާމީ މުޖުތަމައާއެކު ގާތުން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.




