ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެވެ.

ބްރޯޑްކޮމްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީގެކުރިން ވިދާޅުވީ ޒީނިޔާ ސަސްޕެންޑް ކުރީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީއާއި ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކެއް ހުރެގެން ކަމަށެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ.

މިމަގާމަށް ކުރިމަތިލެވެނީ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަކަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނަށެވެ. ނުވަތަ މާސްޓާސް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާ އިން ތިން އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށެވެ.

އިތުރު ބައެެއް ޝަރުތުތައް
ހިންގުމުގެ ދާއިރާގައި ސީނިއާ މެނޭޖްމަންޓް އާއި އެގްޒެކްޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން.
ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހަކަށްވުން
ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެ މީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކަށްވުން.
ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގުމާއި ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތައް އެނގޭ މީހަކަށްވުން

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ޒީނިޔާ ވަކިކުރީ އެ ކޮމިޝަންގެ މެންބަރުންގެ ނުފޫޒާއި އުނދަގުލާ ހެދި މަސައްކަތް ކުރަން ދަތިވާ ކަމަށް ބުނެ ކޮމިޝަންގެ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި ކޮމިޝަންގެ ބައެއް މުވައްޒަފުން އެއް ދުވަހަށް މަސައްކަތް ހުއްޓާލައި ގެއަށްވެސް ގޮސްފައި ވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *