މެނިންގޯކޮކަލް ބަލި ފެނުމުން ފިޔަވަޅު އަޅަނީ

މެނިންގޯކޮކަލް ބަލީގެ ކޭސްއެއްގައި ރާއްޖެއިން މީހަކު މަރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މެނިންގޯކޮކަލް ބަލީގެ ކޭސްއެއްގައި ރާއްޖެއިން ފެނުމާ ގުޅިގެން އާންމު ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އިންވޭސިވް މެނިންގޯކޯކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ އަދި ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއްް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

މެނިންގޯކޮކަލް ބަލީގައި ދިވެއްސެއް މަރުވިކަން ޔަގީންކުރެވިފައިވީ ނަމަވެސް ކަމާ ގުޅޭ އެއްވެސް އިދާރާ އަކުން އެ ވާހަކައެއް ނުދައްކަ އެވެ. އެނގިފައވާ ގޮތުގައި މި ބަލީގައި މަރުވީ މެލޭޝިއާގައި އުޅުމަށްފަހު ރާއްޖެ އައި އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ.

އެޗްޕީއޭ އިން ބުނީ މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ގުޅޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށެވެ. އަދި ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުންޏެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި ރާއްޖެއިން ފެނުނު މަދު ކޭސްތަކަކީ ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުންނެވެ.

ބަލީގެ އަލާމަތްތައް
ހުން އައުން
ހަމުގައި ރަތް ބިހިތަކެއް ނެގުން
ބޮލުގައި ރިއްސުން
މިބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު ގިނަ ވަގުތު ގާތްކޮށް އުޅެފައިވާނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދުގައި ކަމަށްވެސް މައުލޫމާތުތަކުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *