އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާދީފި

އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

 

ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެ ވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެ އެވެ.

 

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.

 

އީރާނަކީ "އިޒްރޭލާއި ދުނިޔެއަށް ނުރައްކަލެއް" ކަމަށާއި އީރާން އޮތީ ނިއުކްލިއާ ހަތިޔާރު ލިބިގަތުމާ ކުރިއަށްވުރެ މާ ގާތުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

 

މި ބަޔާނުގެ ފަހުން އިޒްރޭގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހަމަލާދިނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ "ހިތަށް" ކަމަށެވެ. އީރާނަކީ އިޒްރޭލު ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށާއި އެ ނުރައްކާ ނައްތާލެވެންދެން، ކުރިއަށް އޮތް އެތައް ދުވަހަކަށް މި ހަމަލާތައް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.

 

އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މި ހަމަލާގައި އަވަހާރަ ވެފައިވާ ކަމަށް ބެލެވޭ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެ އެވެ. އަދި އީރާންގެ ބައެއް މީޑިއާތަކުން ވެސް މިގޮތަށް ބުނެފައިވެ އެވެ.

 

އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތައް އާންމުންގެ އިމާރާތްތަކަށް އަރާފައިވެ އެވެ.

 

އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

 

އީރާނުން ބުނީ ފަތިހު ދިން ހަމަލާތަކުން ދިފާއުވާން ވައިގެ ދިފާއީ ނިޒާމު "100 ޕަސެންޓް ކެޕޭސިޓީގައި މަސައްކަތްކުރި" ކަމަށެވެ.

 

އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އީރާން އަސްކަރިއްޔާގެ ކޮމާންޑް ސައިޓަކަށް ވެސް ހަމަލާ ދީފައި ވާއިރު އެތަނުގައި ވަނީ ރޯވެފަ އެވެ.

 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ހަަމަލާއާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ މިއީ އެމެރިކާގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން "އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް" ކަމަށެވެ. އެމެރިކާއިން މިވަގުތު އިސްކަން ދެނީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ރައްކަލަށް ކަމަށާއި އީރާނުން މި ހަމަލާގެ ރައްދުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

 

އީރާނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލު މިހާރު އޮތީ އީރާންގެ ހަމަލާއަކަށް ތައްޔާރުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ.

 

އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *