ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.
މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
އިންޓާންޝިޕް ފުރިހަމަ ކުރަން ހުޅުވާލާފައިވާ 15 ޖާގައަށް، އެ އަށްވުރެ ގިނަ ކުރިމަތިލައިފިނަމަ އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލް ފޮނުވާ ތަރުތީބަށް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ކުދިންނަށް ދާއިމީ ވަޒީފާ ހަމަޖައްސައިދެނީ ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.
މީގެކުރިން މި ފުރުސަތު ދެމުން ދިޔައީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގައެވެ.
އެހެންވެ އިންޓާންޝިޕް ފުރިހަމަ ކުރުމަށް ހުރި ފުރުސަތުތައް މަދުވެ ސަރުކާރަށް ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އިންޓާންޝިޕް ފުރިހަމަކުރަން ފުރުސަތު ދިނުމަށް ނިންމާފަ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފެށިގެން މިހާރުވެސް ކުރިއަށް އެބަދެ އެވެ.




