ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހުޅުވާލައިފި އެވެ.
އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ މީހުންގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައާރަފުކުރާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެފައިވެ އެވެ.
މިގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެ އެވެ.
އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި، ސަގާފަތާއި، ގުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު އެމްއެމްޕީއާރްސީ އިން ވަނީ އަރުވާފަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ވަނަވަރާއި ފަންނީ ޕޯޓްފޯލިއޯ އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަލާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލް މެއިލް ކުރުމަށް އެމްއެމްޕީއާރްސީ އިން ވަނީ އެދިފަ އެވެ.




