އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

ފަތުވާ މަޖިލީހުން މިގޮތަށް ނިންމީ މިދިޔަ ފެބްރުއަރީ މަހު ކަމަށްވީ ނަމަވެސް ނިންމުން އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފަތުވާގައި ބުނެފައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އެބައޮތް ކަމަށެވެ. އެއީ ހުއްދަ ކަމެއް ކަމުގެ ރައުޔާއި ހަރާމް ކަމެއް ކަމަށް ވިދާޅުވާ ރައުޔެވެ.

ފަތުވާ ދޭ މަޖިލީހުގެ ފަތުވާގައިވާ ގޮތުން ދެ ރައުޔުވެސް ބިނާކޮށްފައިވަނީ ދަލީލުތަކުގެ މައްޗަށެވެ. އިލްމުވެރިން ނެރުއްވި ހުކުމްތައް ގުޅިފައިވަނީ އިޖުތިހާދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ ދެ ރައުޔުވެސް އިލްމުވެރިން ގަބޫލު ކުރައްވާ ކަމަށްވެސް ފަތުވާގައިވެ އެވެ.

އެކަމަކު ފަތުވާ ދޭ މަޖިލީހުގެ ފަތުވާގައި ބުނެފައިވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށެވެ. އެހެންކަމުން އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހަށް ބުރަވެވޭ ކަމަށެވެ.

ދީނީ ގޮތުން އާންމުންގެ މެދުގައި ހިޔާލުތަފާތުވުން ހުންނަ މައްސަލަތަކުގައި މީގެކުރިންވެސް ފަތުވާ މަޖިލީހުން ފަތުވާ ނެރުއްވާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *