ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި އެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އެވެ.
އާބާދީގައި 504 މީހުން ހިމެނޭ ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުން ކުރުން ހިމެނެ އެވެ.
ދައުލަތުގެ ބަޖެޓުން 49.77 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ ދަށުން 3,990 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރުމާއި 145 މީޓަރުގެ ބޭރު ތޮށިލުންވެސް ހިމެނެ އެެވެ. އަދި 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ދިގު އެއްގަމު ތޮށިލުމާއި 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުންވެސް ހިމެނެ އެވެ.
މީގެއިތުރުން 600 އަކަމީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފޮއްދޫގައި ބަނދަރެއް ނެތުމަކީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން އޮތް ޒަމާންވީ މައްސަލަ އެކެވެ.




