ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށްވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން — މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.
މިއީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެ އެވެ. އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް ގާތުން ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ފުރަތަމަ ޓްރަޔަލް ފަސިންޖަރުގެ ގޮތުގައި ޗެކިންވެ ވަޑައިގެންފަ އެވެ.
މި ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ. އެއަށްފަހު މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.




