ހއ. ވަށަފަރު ސްކޫލުގެ ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
އަނިޔާވި ދެ ކުދިންނަށް ފުރަތަމަ ފަރުވާ ދިނީ ވަށަފަރު ސިއްހީ މަރުކަޒުންނެވެ. އަދި އެ ތަނުން އެއް ކުއްޖެއްގެ ކޮނޑުހުޅަށް އިތުރަށް ތަދުވާތީ އެ ކުއްޖާ ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
ވަށަފަރުން ވާހަކަ ދެއްކި މީހަކު ބުނީ ގުރޭޑް ނުވައެއްގައި ކިޔަވަމުން ދެ ދަރިވަރުންވެސް އާންމު ގޮތެއްގައި ހާލު ރަނގަޅު ކަމަށެވެ.
"އަސްލު އެކްސްރޭއެއް ނަގާލަށް ދިއްދޫއަށް ގެންދިޔައީ. އަނެއްހެން ހަމަ ރަނގަޅު،" އޭނާ ބުންޏެވެ.
ވަށަފަރު ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން ވެއްޓުނީ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް އެކަން އަންގާފައި އޮއްވާ ސީލިން ރަނގަޅުކުރަން ބޭނުންވާ ސާމާނުވެސް ވަށަފަރަށް ގެންގޮސްފައި ވަނިކޮށެވެ.
ގުރޭޑް 10 އަކަށް ކިޔަވައިދޭ ވަށަފަރު ސްކޫލުގައި ދަރިވަރުންގެ ގޮތުގައި ތިބީ 85 ކުދިންނެވެ.




