ދައުލަތަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް ޑޮލަރު އާމްދަނީގެ ގޮތުގައި 772 މިލިއަން ޑޮލަރު ލިބުނެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 562 މިލިއަން ޑޮލަރުގަ އެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 399.7 މިލިއަން ޑޮލަރު ލިބުނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 77 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 65 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 57.2 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.4 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު ލިބުނެވެ.




