މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ ނަން މިއަދު ބަދަލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރެއްވީ "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމަށެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތު ކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރު ކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީ ގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.




