ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ބާސެލޯނާގެ ފޯވާޑް ލަމީން ޔަމާލްގެ 18 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީއަކާ ގުޅޭގޮތުން ސްޕެއިންގެ މިނިސްޓްރީ އޮފް ސޯޝަލް ރައިޓްސް އިން ތަހުގީގެއް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ސްޕެއިންގެ ކުޑަ އަވަށެއްގައި ބޭއްވި މި ޕާޓީގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް "ޑްވާފިޒަމް" ނުވަތަ ކުރުކޮށް ހުންނަ މީހުންނަށް ދައުވަތު ދީފައިވާ ކަމަށްވެ އެވެ. މިއީ ސްޕެއިންގެ ގާނޫނުތަކުގައި މަނާކޮށްފައިވާ ކަމެކެވެ.
ޔަމާލްގެ އުފަން ދުވަހުގެ މި ޕާޓީގައި ސްޕެއިންގެ ނަން މަޝްހޫރު އިންފްލުއެންސަރުންނާއި ޔޫޓިއުބަރުންގެ އިތުރުން ބާސެލޯނާގެ ގިނަ ކުޅުންތެރިންވެސް ބައިވެރިވި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ޕާޓީގައި ޑްވާފިޒަމް ހުންނަ ފަރާތްތަކުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ދައްކާލި އެވެ.
ސްޕެއިންގެ ގާނޫނުތަކުގައި، އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ހަދާ މަލާމާތުގެ ހަރަކާތްތަކަކީ ނުވަތަ އެފަދަ ފަރާތްތައް ބޭނުންކޮށްގެން ހިންގާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކީ މަނާކޮށްފައިވާ ކަމެކެވެ.
މި މައްސަލައާ ގުޅިގެން ސްޕެއިންގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އަޑީން" އިން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ޔަމާލްގެ ޕާޓީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ޝަކުވާ ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެހެންނަމަވެސް މި ޕާޓީއަށް ދައުވަތު ދީގެން ދިޔަ ޑްވާފިޒަމް ހުންނަ ފަރާތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޕާޓީގައި އެމީހުންނަށް މަލާމާތް ރައްދުވާ ފަދަ ނުވަތަ ހިތްހަމަނުޖެހޭ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވެ އެވެ.
ބާސެލޯނާގެ ތަރުޖަމާނު މީޑިއާއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ކްލަބަށް މީޑިއާގައި ޖަވާބު ދެވެން ނެތް ކަމަށެވެ. ނަމަވެސް މިކަމުގައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުން، ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ދެމުންގެންދާނެ ކަމަށް ތަރުޖަމާން ބުންޏެވެ.
މި މައްސަލަ ސްޕެއިން ސަރުކާރުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.




