އަސްކޮއި އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް އެންމެ ފަހު ވަގުތު، ފުރޭ ގޮތް ނުވި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
މީގެކުރިންވެސް އަސްކޮއި އުމްރާ ގުރޫޕްގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް ފުރޭ ގޮތް ނުވި މައްސަލަ ފެންމަތިވެފައިވެ އެވެ.
މިފަހަރު އަސްކޮއި ގުރޫޕްގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް ފުރެން ނެތް ކަން އެންގީ އެމީހުން ފުރަން އޮތް ދުވަހު އެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހއްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލު ކަމަށްވެސް އައި މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވި އެވެ.
އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕްތަކުން ފައިސާ ނެގުމަށްފަހު ލަނޑުދޭ މައްސަލަތައް މީގެކުރިންވެސް ދިމާވެ، އެފަދަ ކުންފުނިތަކާ ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅާފައިވެ އެވެ.




