ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން އެސްޑީއެފްއަށް މި އަހަރު 1.09 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 708.9 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ 54.4 ޕަސެންޓް އިތުރުވުމެކެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ދަރަނި އަދާކުރަން މިއަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.




