މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން މަގުތަކަށް ނިކުމެ ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ހަރަކާތްތައް އިއްޔެގެ ވަގުތެއްގައި ފެށީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މި ހަރަކާތްތައް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ހުޅުމާލޭގެ އަވަށްޓެރި ފުލުހުން އިންތިޒާމު ކުރާ މި ހަރަކާތްތައް ފުލުހުން ކުރިއަށް ގެންދަނީ މަގުމަތީގެ ގަވައިދުތަކާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރެވިދާނެ ކަންކަން އެނގޭ ލިޔުންތައް ހިމެނޭ މެސެޖުތަކަކާ އެކު އެވެ. ހާއްސަ ބާރަށް ދުއްވުމުގެ ނުރައްކާ ފުލުހުން ކިޔައިދެ އެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެކްސިޑެންޓްތައް ހިނގުމުން ފެންނާނެ މަންޒަރުތައް ސިފަވާ ގޮތަށްވެސް ބައެއް މަންޒަރުތައް ފުލުހުން ދައްކާލަ އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން މަގުތަކަށް ނިކުމެފައި މިވަނީ މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވަނިކޮށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް 1000 އަށް ވުރެ ގިނަ އެކްސިޑެންތައް ހިނގާފައިވެ އެވެ.




