ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އާންމުން މިހާރު ދެކޭ ގޮތް ބަދަލުކޮށް ކުށްކުރާ ކުދިންނަށް އިސްލާހުވުމަށް ދެވަނަ ފުރުސަތެއް ދޭންޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތައް ހަރުދަނާކުރުމުގެ ބޭނުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ކާމިޔާބު ކުރެވޭނީ އާންމުންގެ ވިސްނުމަށް ބަދަލުތަކެއް އައިސްގެން ކަމަށެވެ.
އިހްސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބޭނުމަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ދެނެގަނެ އެ ކުދިން ކުށުގެ ވެށިން ދުރުކޮށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި މުޖުތަމައުގެ ތެރެއިން އަލުން ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.
"މިފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނީ ވިސްނުމަށް ބަދަލުތަކެއް ގެނެސް ތައްޔާރީތަކެއް ވެގެން،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުށް ކޮށްފައިވާ ކުއްޖަކަށް ދެވަނަ ފުރުސަތު ދިނުމަކީ އެ ކުއްޖާއަށް އަދި އާއިލާއަށް ކުރިއަށް ދިއުމަށްޓަކައި އާ އުއްމީދުތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ އެންމެންވެސް އެކަމުގައި ބައިވެރިވާންޖެހޭ ކަމަށެވެ.
"އެކުއްޖާއަށް ދޭންޖެހޭ އުއްމީދު ނުދެވި ނުވަތަ ފުރުސަތު ހޯދައިނުދެވިއްޖެނަމަ އެއީ އަޅުގަނޑެމެން ކަންބޮޑުވާންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްވި ކަންކަން ބޭނުން ހިފައިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.
ފަސް ދުވަހަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ޑީޖޭޖޭއާއި، ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބައިވެރިވި އެވެ.




