ކައިވެނި ޕާޓީއަކަށް ރާއްޖެ ވަޑައިގެން ހުންނަވަނިކޮށް ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަަކްސަ ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެފި އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަަޕަކްސަގެ ދަރިކަލުން ހައްޔަރުކުރަން އަމުރެއް ނެރުނީ އެ ގައުމުގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުންނެވެ.
މިފަދަ އަމުރެއް ނެރުނީ ރިޝްވަތުގެ މައްސަލައެއްގައި ނަމާލް އަށް ކުރާ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރުވެވަޑައި ނުގަތުމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނަމާލް މިއަދު ރާއްޖެ ވަޑައިގެންނެވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ފްލައިޓް ގައެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މެންބަރެއްގެ ގޮތުގައިވެސް އިންނެވި ނަމާލްގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތު ނެންގެވުމަށްފަހު އިންޑިއާގެ ކްރިޝް ރިއަލް އެސްޓޭޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، ކޮޅުނބުގެ އެންމެ އަގުބޮޑު ސަރަހައްދުން ބިމެއް ހަމަޖައްސައި ދީފައިވާތީ އެވެ. އަދި އެ ފައިސާ ދީފައި ވަނީ ލަންކާގައި ރަގްބީ ކުޅިވަރު ކުރިއަރުވަން ކަމަށް ބުނެ އެވެ.




