ޒަކާތުގެ ބިލް މަޖިލީހަށް

ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި ކަމަށް ބުނެ ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ތައާރަފުކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.

ޒަކާތުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނޭ ކަމަށް ބިލްގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ބިލްގައި ވަނީ މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ހިމަނާފަ އެވެ.

ބިލްގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ. މިއީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *