ކަމަދޫ ޗާޓުން ބޭރެއް ނުވާނެ، ތަރައްގީކޮށްދޭނަން: ރައީސް

ބ. ކަމަދޫ ތަރައްގީކުރުމުގައި ސަރުކާރުތަކުން ގެންގުޅެފައިވާ ތަފާތުކުރުންތައް މިވެރިކަމުގެ ތެރޭގައި ނައްތާލައި، ކަމަދޫއަށް ތަރައްގީ ގެނެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން ބައެއް ހިދުމަތްތައް ފައްޓަވައިދެއްވައި އަދި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވާފައިވެ އެވެ.

ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ކަމަދޫއަކީ ބ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ތަރައްގީގެ ލިސްޓުގައި ފަހަތުގައި އޮތް ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުން ބޭނުންވާ ކަންކަމުގެ ދުވެލި ބާރު ކުރައްވާނެ ކަމަށެވެ.

"ތަފާތުކުރުން ނައްތާލައި ކަމަދޫއަށް ހަމަހަމަ ތަރައްގީ ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ކަމަދޫ ސްކޫލަށް ޖާގަ އިތުރުކުރުމަށް މިއަދު ސޮއި ކުރި މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނިމުމުން ޖާގައިގެ މައްސަލައަށް ހައްލު ލިބި ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް ލިބިގެންދާނެ ކަމަށެވެ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ނިންމާފައިވާތީ އެ ހިދުމަތް ފެށުމާ އެކު ކަމަދޫއަށް އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކަމަދޫ ސިއްހީ މަރުކަޒަށްވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެ މައްސަަލަ ހައްލުކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަޝްރޫއު އަމަލީގޮތުން ފަށައި، މަޝްރޫއު ނިމުމުން ސިއްހީ މަރުކަޒުން 16 ގަޑިއިރަށް ހިދުމަތް ދެވޭ ގޮތް ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ. ކަމަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ގެނައުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވާތީ ޓާފް ގެނައުމާއެކު ދަނޑުގެ މަސައްކަތް ނިންމަވާ ދެއްވާނެ ކަމަށެވެ.

ކަމަދޫ މަގު ހެދުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކަމަދޫ އަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ރަށަކަށްވާތީ އެ ރަށުގައި ތާރުއަޅައިގެން މަގު ހަދަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ ރައްޔިތުން އެދޭ ގޮތަށް ރަނގަޅަށް ފެން ހިންދޭ ގޮތަށް މަގުތައް ހަދައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ކަމަދޫ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަން އެމްޓީސީސީއަށް އަންގާފައިވާނެ ކަމަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވާނެ ފައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު ކަމަދޫގައި މިސްކިތެއް އެޅުމަށް ބަޖެޓް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކަމަދޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށަކަށްވާތީ އެ ރަށް ކައިރިން ފަޅުރަށެއް ޕިކްނިކް ދިއުމަށް ހާއްސަކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *