ހިއްކި ބިންތައް ތަރައްގީކުރަން މަޝްރޫއެއް ފަށަނީ

ރަށްރަށުގައި ބިން ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އޭދަފުށި ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އޭދަފުށްޓަކީވެސް ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު އެ ބިން ބޭނުން ނުކޮށް އެތައް އަހަރެއް ވެފައިވާ ރަށެކެވެ.

އެފަދަ ރަށްތަކަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. އެހެންވެ ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ހައްލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އޭދަފުށީގެ ހިއްކި ސަރަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

އޭދަފުށްޓަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތައް ފުއްދުމަށް ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ. އެގޮތުން އޭދަފުށީގައި 1000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އޭދަފުށީގެ ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާ ކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމުގައިވެސް ވިދާޅުވި އެވެ. މި އަހަރުގެ ތެރޭގައި ޔޫއެސް ޑޮލަރުގެ ހިދުމަތް ދޭ އޭޓީއެމް އެއް އޭދަފުށީގައި ގާއިމުކޮށްދެއްވާނޭ ކަމަށާއި އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުން ހަރަދު ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭދަފުށިވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ގާއިމުކުރުމަށް ވައުދުވެފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މިއަދު އޭދަފުށްޓަށް ވަޑައިގެން އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީ ގޮތުން ފައްޓަވައިދެއްވި އެވެ. އަދި މިރޭގެ ޖަލްސާގައި ވަނީ ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް އޭދަފުށީގައި ގާއިމުުކުރުމަށާއި ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ތަފްސީލް ކޮށްދެއްވި، ގައުމީ ތަރައްގީއާ ގުޅޭ ކަންކަން ތަންފީޒުކުރެވި ގާއިމުކުރެވިގެންދިއުމާއެކު، ހިދުމަތްތައް ލާމަރުކަޒުވެ، ރައްޔިތުންނަށް ހަގީީ ބާރުވެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އަދި ސިޔާސީ ވިސްނުން އެއްގޮތް ނުވިކަމުގައިވިޔަސް ތަރައްގީގެ ވިސްނުން އެއްގޮތް ކުރުމަށްވެސް ރައީސް ވަނީ ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *