ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ދޫކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ހާލަތަށް ރިއާޔަތްކުރެވި، ރަށު ކައުންސިލުން ކަނޑައަޅާ އުސޫލުތަކަށް އަމަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަށު ކައުންސިލުން ކަނޑައަޅާ އުސޫލުތަކަކީ ރައްޔިތުންގެ ނިންމުމަށް ވާނެ ކަމަށް ގަބޫލުކުރައްވާތީ ރައްޔިތުންގެ އެފަދަ ނިންމުންތަކަށް އިހްތިރާމު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަަމަށެވެ.
ތުޅާދޫގައި އާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އިއުލާންކުރައްވައި، ރައީސް ވިދާޅުވީ އެފަދަ މަޝްރޫއުތަކުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް، ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކަށް ސަރުކާރުން އިހްތިރާމު ކުރައްވާނެ ކަމަށެވެ.
"އެއީ ސަރުކާރުން ކޮންމެ ރަށެއްްގައި އަމަލުކުރާނޭ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާތީ އެކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެެވެ.
ރައީސްގެ މިދަތުރުފުޅުގައި ތުޅާދޫގެ އެއާޕޯޓް މަޝްރޫއު މިއަދު ވަނީ ފައްޓަވައިދެއްވާފަ އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެއާޕޯޓް މަޝްރޫއު ފަށައިގެން، ހުއްޓުމެއްނެތި މަސައްކަތް ނިންމައި، އެއާޕޯޓް ހުޅުވިގެންދާނޭ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްގީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ސިއްހީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނެސްދެއްވާނޭ ކަމަށެވެ. އެގޮތުން ރަށުގެ ސިއްހީ މަރުކަޒުގައި ސްޕެޝަލިޓީގެ ގިނަ ހިދުމަތްތަކެއް ފެށުމަށް ކަނޑައަޅާފައިވާނޭ ކަމަށާއި އޭގެ ދަށުން އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުންގެ ހިދުމަތް ފެށިގެންދާނޭ ކަމަށް ވިދާޅުވި އެވެ.




