ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޝަހީމް

ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޝަމްހީދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވި ފަހުން ޖާގަ ލިބި ހައްޖަށްދާ މަންޒަރު ފެންނަ ކަމަށެވެ. މީގެ އިތުރުން ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އާއި އޮޕަރޭޝަން މެނޭޖަރުގެ ރަށަށް ނިސްބަތްވާ ބޭފުޅުން ހިމެނޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

"ހައްޖު ކޯޓާއިން ވައްކަން ކުރުމަކީ މިއީ ހިނގާ ކަމެއް. މިނިސްޓަރަށް މިކަން ހުއްޓުވިދާނެތޯ އަޅުގަނޑުގެ ސުވާލަކީ،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ހައްޖު ކޯޓާއިން ވައްކަންކުރާ ވާހަކަ އާއި މި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ،" ޝަހީމް ވިދާޅުވި އެވެ.

ހައްޖުވެރިންގެ އެހީތެރިން ނެގުމުގައި އުސޫލުތަކެއް އޮންނަ ކަމަށާއި އެހީތެރިން ނަގަނީ އިއުލާނުކޮށް އިންޓަވިއުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އެހީތެރިންގެ ގޮތުގައި ގެންދަން ޖެހެނީ "ގައިގައި ވަރުހުރި ގަދަފަދަ މީހުން" ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *