ކުރިއަށް އޮތް ލަލީގާ ސީޒަންގެ މެޗެއް އެމެރިކާގެ މިއާމީގައި ކުޅެން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް)އިން ހުއްދަ ދިނުމާ ގުޅިގެން ރެއާލް މެޑްރިޑުން ކަންބޮޑުވެއްޖެ އެވެ.
ސްޕެނިޝް ލީގުގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު މިއާމީގައި ބޭއްވުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.
މިކަމާ ގުޅިގެން ރެއާލް މެޑްރިޑުން ބުނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިކަމަށް ހުއްދަ ދީފައި ވިޔަސް، މިއީ ލަލީގާ އާއި ސްޕެއިންގެ ފުޓްބޯޅައަށް އެންމެ ފައިދާހުރި ގޮތް ކަމަށް ނުދެކޭ ކަމަށެވެ. ލަލީގާގެ މެޗުތައް ސްޕެއިންގެ ބޭރުގައި ކުޅެގެން ނުވާނެ ކަމަށާއި، މިފަދަ ނިންމުންތައް ނިންމުމުގައި ލީގުގައި ހިމެނޭ ހުރިހާ ކްލަބްތަކާއި، ލަލީގާ އާއި ފެޑެރޭޝަންގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށްވެސް ބުންޏެވެ.
ރެއާލްގެ ބަޔާނުގައި ބުނީ ސްޕެއިނުން ބޭރުގައި މެޗުތައް ކުޅުމަކީ މުބާރާތުގެ އަސްލު ގޮތް ބަދަލުވާ ކަމެއް ކަމަށާއި، މިކަމަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. މިފަދަ ނިންމުންތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށްވެސް ބުންޏެވެ.
ލަލީގާގެ މެޗެއް 2019 ވަނަ އަހަރުވެސް އެމެރިކާގައި ކުޅެން މަސައްކަތް ކޮށްފައި ވެއެވެ. އެއީ ބާސެލޯނާ އާއި ގިރޯނާ ކުޅުނު މެޗެކެވެ. ނަމަވެސް އެކަމަށް އޭރުގެ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރޫބިއަލޭސް އާއި ފީފާ އިން ދެކޮޅު ހަދާފައި ވުމުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ރެއާލް މެޑްރިޑުން އިތުރަށް ބުނީ ލަލީގެ މެޗެއް އެމެރިކާގައި ކުޅުމަށް ކުރިން ދެކޮޅު ހެދި ފެޑެރޭޝަނުން އަލުން އެ ހުއްދަ ދިނުމަކީ އެ ފެޑެރޭޝަންގެ ވިސްނުމަށް ބަދަލު އައިސްފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.
ރެއާލް މެޑްރިޑުން ދަނީ ލަލީގާގެ މެޗުތައް ސްޕެއިންގެ ބޭރުގައި ނުކުޅެވޭނެ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ. އެ ކްލަބުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން މުބާރާތުގެ އަސާސީ ހަމަތަކަށް ބަދަލު އަންނާނެ އެވެ.




