ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ނިޔާވިތާ އެއް އަހަރު ފުރުނު ދުވަހާ ދިމާކޮށް އަސަރުން ފުރިގެންވާ މެސެޖެއް އަޝްފާ ހިއްސާކޮށްފި އެވެ.
އަލްސަން ނިޔާވީ އޭނާ ދުއްވަމުން ދިޔަ ސައިކަލް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މިދިޔަ ޖުލައި 13 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެވެ.
އަޝްފާ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އަލްސަންގެ ވަކިވުމަކީ އޭނާއާއި ދަރިފުޅުގެ ބައްޕަ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ އަށް އުފުލޭ ވަރަށް ވުރެ ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އެ ހިތާމަތަކާއި ރިހުންތަކަށް ލުޔެއް ލިބެނީ މާތްﷲ އާއި ދަރިފުޅު ދެކެވާ ލޯބީގެ ހައްގުގައި ކުރާ ނަމާދާއި ކުރާ ދުއާ އާއި ޒިކުރުތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ އެހީ އާއި މަދަދުން ކަމުގައި ބުންޏެވެ.
އަޝްފާ ބުނި ގޮތުގައި އަލްސަންގެ ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިންވެސް އަލްސަން ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
"އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކައި ހާއްސަ ޖާގައެއްވާކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައިވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ،" އަލްސަންގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވާތީ އެކަން ފާހަގަކޮށް އަޝްފާ ބުންޏެވެ.
އަލްސަންގެ ކަށުނަމާދު ބޭއްވީ މާލޭގެ އާސަހަރާ މިސްކިތުގައެވެ.




