ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ކަމަދޫ އަށެވެ. އެންމެ ފަހު ރަށަކަށް މިއަދު ވަޑައިގަތީ މާޅޮހަށެވެ.
ރައީސްގެ މިދަތުރުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މީގެއިތުރުން ރަށްރަށަށް ބޭނުންވާ މަޝްރޫއުތައް ފައްޓަވައިދެއްވުމާއި، ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހްވެސް ކޮށްދެއްވި އެވެ. ރައީސްގެ މިދަތުރުފުޅުގައި ބ. އަތޮޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުއްވައިދެއްވި އެވެ.




