އަޑުބަރޭގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.

އަސްހަދަށް ކުރާ ދައުވާތަކަކީ އަނިޔާދިނުމާއި، މުދަލަށް ގެއްލުންދިނުމާއި، މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާ އެވެ.

ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ އަސްހަދުގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ ކޮން މައްސަލައެއްގައި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އެކަމަކު ކްރިމިނަލް ކޯޓުގައި މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާ އަޑުއެހުންތަކުގެ ތެރޭގައި އަސްހަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ހިމެނެ އެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ފެބްރުއަރީ 2022 ގައި ވަނީ އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފަ އެވެ.

ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނިކޮށް އަސްހަދު އޭރު ޖަލަށްލީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލުނު ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާތަކުގެ ޝަރީއަތްތައް ފެށިފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކޯޓުން ދިން މުއްދަތު ހަމަވި ފަހުންވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުން ހުއްދަ ދިނީ ކޯޓުން އަންގާ މުއްދަތެއްގެ ތެރޭގައި އަލީ ވަހީދު ރާއްޖެއަށް ގެނެސްދޭނެ ކަމަށް ބުނެ އަސްހަދު ޖާމިނުވުމަށްފަހު އަލީ ވަހީދު ރާއްޖެ ގެނެވޭ ގޮތް ނުވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *