ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތް ރައީސް ފައްޓަވައިދެއްވައިފި

ޓޭބަލް ޓެނިސް ކުރިން ކުޅެފައިވާ މީހުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ވެޓަރަންސް ބައިނަލްއަގްވާމީ މުބާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ތޮއްޑޫ ކައުންސިލާއި، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި، އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމުކޮށްފައި މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ތޮއްޑޫ ގައެވެ.

މި މުބާރާތް އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކުރައްވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ޓީޓީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހްމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.

ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ވަޑައިގެން މި މުބާރާތް ފައްޓަވައިދެއްވުމަކީ ޓީޓީއަށް އަދި ދިވެހި ކުޅިވަރަށް އެމަނިކުފާނު އިސްކަންދޭ މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބޭރުގެ ގައުމުތައް ހިމެނޭ ގޮތަށް 17 ގައުމަކުން 75 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެ އެވެ. މީގެތެރޭގައި ދުނިޔޭގެ ފެންވަރުގެ ބައެއް މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ސަރަހައްދީ އަދި ބައްރުތަކުގެ މުބާރާތްތަކުގެ އިތުރުން އެކި ގައުމުތަކުގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ކުރީގެ ކުޅުންތެރިން މިމުބާރާތުގައި ބައިވެރިވެ އެވެ.

އަހަރަކު އެއްފަހަރު ބާއްވަން މަސައްކަތް ކުރާ މި މުބާރާތުގައި މިއަހަރު ހިމެނޭ އެއް މަގުސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *