ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް ޑިސެންބަރު 2، 2021 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަށައެޅުއްވި ގަރާރުވެސް ރައީސް މުއިއްޒު ވަނީ އުވާލައްވާފަ އެވެ.

ރައީސް މުއިއްޒުގެ ނިންމެވުމާ ގުޅިގެން ހަންކެޑެ މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެސްކޮށްފަ އެވެ.

ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް މިމަޝްރޫއުގެ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްވެސް މިއަހަރުގެ ޖޫން 29 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރި އެވެ. އެކަމަކު އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އައްޑޫގެ މެންބަރުންނާއި އައްޑޫ ސިޓީއާ ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ހަންކެޑެގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ. އެކަމަކު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ކޮށްފައެއް ނުވެ އެވެ.

އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އަށެވެ.

އައްޑޫ ސިޓީގައި ކުރިން ހިންގުމަށްފަހު އެތައް އަހަރަކު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *