މާލެ ޓެކްސީގެ ބްރޭންޑިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިން ބްރޭންޑިން ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

މާލެ ޓެކްސީގެ ބްރޭންޑިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު އިއުލާނުކުރި އެވެ. އެ އިއުލާނާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އިއްޔެ ބާއްވަން އޮތް ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ހާޒިރެއް ނުވެ އެވެ.

އެހެންވެ އެ އިއުލާނު ބާތިލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލާފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބުދަ ދުވަހު އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް މި އަހަރުގެ ޖުލައި މަހު ފަށާނެ ކަމަށް ބުނެ ފަހުން ވަނީ އެ ތާރީހު މި އަހަރުގެ އޮގަސްޓް މަހަށް ފަސްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ހިދުމަތް ފެށިފައެއް ނުވެ އެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކް ކުރާނެ ބިމެއް މިހާރު ވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހަމަޖައްސާފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ "މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުވެސް ކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *