ކެޓްރީނާ ވަރަށް އަވަހަށް ރާއްޖެ އަންނަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހަމަޖައްސާފައިވާ އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރެކަށް ކެޓްރީނާ ހަމަޖައްސައި އެކަން ވިޒިޓް މޯލްޑިވްސް އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ކެޓްރީނާ ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނާ ވީޑިއޯއެއް ވިޒިޓް މޯލްޑިވްސް އިން ވަނީ އިންސްޓަގްރާމްގައި ރީލްއެއް ގޮތަށް ޕޯސްޓްކޮށްފަ އެވެ.

ކެޓްރީނާ ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމުގެ ސްޓޯރީގައި އެ ރީލް ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާކުރާ ކަމަށް ރީލްގައި ކެޓްރީނާ ބުނެ އެވެ. ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭ ގުދުރަތީ އެތައް ކަމެއް ރާއްޖެއިން ތަޖުރިބާ ކުރެވޭނެ ކަމަށްވެސް ކެޓްރީނާ ބުނެ އެވެ.

"ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާ ކުރަންޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުންޏެވެ.

ރާއްޖެ އަންނާނެ ކަމަށް ބުނި ވަކި ތާރީހެއް ކެޓްރީނާ ބުނެފައެއް ނުވެ އެވެ.

ކެޓްރީނާ މިވަގުތު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ. މިމަހު ތެރޭގައި ކެޓްރީނާ ވިހާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *