ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖުމްލަ 10 ބިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކަންޖެހޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ އަދަދުތައް އެ ކުންފުނިން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ރިޕޯޓެއް ގައެވެ.
އެޗްޑީސީގެ ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ސަރުކާރުން ދައްކަން ޖެހޭ 4.3 ބިލިއަން ރުފިޔާ އާއި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާގެ އިތުރުން ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން ސަރުކާރުން ދޭންޖެހޭ 3.9 ބިލިއަން ރުފިޔާއާ އެކު އެޗްޑީސީއަށް ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ޖުމްލަ އަދަދު 10 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ 500 އަށް ވުރެ ގިނަ ކޮމާޝަލް ކަސްޓަމަރުންގެ ފަރާތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީ އަށް ލިބެންޖެހެ އެވެ. އަދި ވިޔަފާރިތަކާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ލިބެންޖެހޭ ކުއްޔާއެކު ޖުމްލަ 2.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ނުލިބިވާ ފައިސާގެ ތެރެއިން 223 މިލިއަން ރުފިޔާ މިއަހަރު ހޯދިފައިވާ ކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ސާމިހް ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އުސޫލުތަކަށް މުހިއްމު ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން އެޗްޑީސީގެ ކޮމާޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް މަހުން މަހަށް އަޕްޑޭޓް ކުރަމުންދާތީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ލިބުން ރަނގަޅުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއް ނޫނިއްޔާ މިހާރު ހުންނާނީ ހުރިހާ ކަސްޓަމާސް ބޭސްއެއް ރަޖިސްޓާ ކުރެވިފައި. ރިކަވަރީއަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 223 މިލިޔަން ވަނީ ރިކަވަ ވެފައި،" ސާމިހް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފައިސާ ދައްކަން ހަނދާންކޮށްދިނުމާއި އިންޒާރު ދިނުމާއި ޖޫރިމަނާ ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.




