ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީކުރުމަށް ރައީސުލްޖްމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އޭނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. އަދި ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ، އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރެއްވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިއްމު ބާރެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސުލްޖްމްހޫރިއްޔާ ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށް ކުރައްވަމުން ގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފީފާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެފްއޭއެމްގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މުޅިދުނިޔެއަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާކާމިޔާބީ ވެސް ވިދާލާނެ ކަމުގައި ފީފާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އެއްބާރުލުންދެއްވުމާއި އެފްއޭއެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *