ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފްކުރަނީ

ގްރޭޓާ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ފައިނޭންސިން ސްކީމްއެއް ތައާރަފް ކުރުމަށް ނިންމާ މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރެގިއުލޭޝަނެއް ނެރެފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ހުރިހާ ބޭންކްތަކުން ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން 10 ޕަސެންޓާއި 15 ޕަސެންޓް މި ސްކީމަށް ކަނޑައަޅަންޖެހޭނެ އެވެ.

އެމްއެމްއޭ އިން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ސްކީމުގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީ އަދާކޮށް ހަލާސްކުރަން 25 އަހަރު ލިބޭނެ ކަމަށެވެ. ނަމަވެސް ފެސިލިޓީ ނަގާ ފަރާތުން އެދިގެން އެއަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައި ދެވިދާނެ ކަމަށާއި އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް މި ސްކީމްގެ ދަށުން ފައިނޭންސިން ހަމަޖެހިގެން ދިއުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ އެވެ.

ފައިނޭންސިން ފެސިލިޓީތައް ދޫކުރާ ގޮތްތައް
ޓައިޕް އޭ – ލީސް އެންޑިން ވިތް އޯނާޝިޕަކީ ބޭންކްތަކުން ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫއުތަކެވެ.

ސްކީމް ހިންގާ އިދާރާއަކުން އިމާރާތްކުރާ ފަރާތްތައް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވިގެންދާނެ އެވެ.

މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ފަސް ޕަސެންޓެވެ.

ފައިނޭންސިން ފެސިލިޓީ ފޯރުކޮށްދިނުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކުލި ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަން މައްޗަށް ބަދަލުކުރެވޭނެ އެވެ.

ފައިނޭންސިންގ ފެސިޓީއާއި ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓަން ނުޖެހުނު ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ޓައިޕް ބީ – އެންޑް – ޔޫސާ ފައިނޭންސިންއަކީ ޑިވެލޮޕާ / އިންވެސްޓާ ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫއުތަކެވެ.

ކަނޑައެޅިފައިވާ ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް ދޫކުރެވޭއިރު މި މޮޑެލްގެ ދަށުން ފައިނޭންސިން ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު ކަނޑައަޅާނީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިންނެވެ.

މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ހަ ޕަސެންޓެވެ. ގެދޮރު ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓް ބަހައްޓަން ޖެހޭއިރު ފައިނޭންސިންގ ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ އެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މި ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަންޏެވެ. އޭގެ އިތުރުން، މި ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަރާތަކީ މިސްކީމްގެ ދަށުން ދޫކުރެވޭ ފައިނޭންސިން ފެސިލިޓީއަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް މަރުކަޒީ ބޭންކުން ހާމަކުރެ އެވެ.

މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިން ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެކެވެ. މިގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް ކާމިޔާބުކަމާ އެކީ މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގާފައިވެ އެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިން ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި މިފަދަ ހައުސިން މަޝްރޫޢުތަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *