ގްރީން ޓެކްސް އާމްދަނީ 105 ޕަސެންޓް އިތުރުވެއްޖެ

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބުނު އާމްދަނީ 105 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 834.6 މިލިއަން ރުފިޔާއަށްވުރެ 878.6 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

އެ ގޮތުން ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިއަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގަ އެވެ.

ގްރީން ޓެކްސް ނަގާ ރޭޓްތައް
ޓޫރިސްޓް ރިޒޯޓް – 12 ޑޮލަރު
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް – 12 ޑޮލަރު
ޓޫރިސްޓް ހޮޓާ – 12 ޑޮލަރު
ރިޒޯޓް ހޮޓާ – 12 ޑޮލަރު
ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) – 12 ޑޮލަރު
ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) – 6 – ޑޮލަރު
ޓޫރިސްޓް އުޅަނދު – 12 ޑޮލަރު
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) – 12 ޑޮލަރު
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 6 – ޑޮލަރު
އެ ނޫން ވެސް އެފަދަ ތަންތަން – 12 ޑޮލަރު
މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *