ހުޅުމާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
"ހިތްފަސޭހަ ހުޅުމާލެ" ގެ ނަމުގައި ފެށި މި ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ހިދުމަތް ދިނުމާއި، ހެޖު ތެރޭގައި ގަސްއިންދުމާއި ކުނިއެޅުން ފަދަ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެއަކީ ސާފު ރީތި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ.
"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިން ކުރިއަށް ގެންދަނީ 12 ޒޯނަކަށް ބަހާލައިގެންނެވެ.
މި ކެމްޕެއިން ކުރިއަށް ގެންދަނީ އެޗްޑީސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.




