ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑަށް އަނބުރާ ދައްކަންޖެހޭ އަދަދު 96.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 37.2 ބިލިއަން ރުފިޔާއަކީ ސަރުކާރުން ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ މުއްދަތު
އެއް މަސް ނުވަނީސް: 231 މިލިއަން ރުފިޔާ
އެއް މަސް: 3.2 ބިލިއަން ރުފިޔާ
ތިން މަސް: 3.1 ބިލިއަން ރުފިޔާ
ހަ މަސް: 7.4 ބިލިއަން ރުފިޔާ
އެއް އަހަރު: 34.1 ބިލިއަން ރުފިޔާ
އެއް އަހަރާއި ފަސް އަހަރާ ދެމެދު: 9.9 ބިލިއަން ރުފިޔާ
ފަސް އަހަރާއި 10 އަހަރާ ދެމެދު: 16.9 ބިލިއަން ރުފިޔާ
15 އަހަރާއި 20 އަހަރު އަދި އޭގެ ފަސް: 21.4 ބިލިއަން ރުފިޔާ
ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.




