މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފައީސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމުކޮށްފި އެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގެ އުސޫލެއް އެ އިދާރާ އިން އާންމުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ކަސްޓަމްސް އިން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ލިސްޓުގައި 680 ފަރާތެއް ހިމެނޭއިރު އެ އިދާރާއަށް އެ ފަރާތާތްތަކުން ދައްކަންޖެހޭ 600 މިލިއަނަށްވުރެ ރުފިޔާ ނުދައްކަ އެވެ. މި ލިސްޓުގައި އާންމު ފަރުދުންނާއި ކުންފުނިތައްވެސް ހިމެނެ އެވެ.
މިލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއިގަވާއިދުތަކާއި ހިލާފުވުމުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ ނުދެއްކުމާއި ކަސްޓަމަށް ދައްކަން ޖެހޭ އެހެނިހެން ފީތައް ނުދައްކާ ފަރާތްތައްވެސް ލިސްޓުގައިވެ އެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ އެ އިދާރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމުންނެވެ.
ކަސްޓަމްސްގެ ލިސްޓްގައިވާ ގޮތުން އެ އިދާރާއަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ ސަލްޓަންސް އޮފް ދަ ސީ ކުންފުނިންނެވެ. އެ ކުންފުނިން އިމްޕޯޓު ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެ އެވެ. ލިސްޓުގެ ދެވަނައިގައި އޮތީ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ މާލެ މާފިނިވާގެ އަޝްރަފް ވަހީދު އެވެ. އަޝްރަފް ޖޫރިމަނާކުރީ ވޭޕް އެތެރެކޮށްގެންނެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ އިމްޕޯޓް ޑިއުޓީ އަދި ޕްރޮސެސިން ފީތައް ނުދައްކާތީ އެގްޒޯޓިކް އެންޓަޕްރައިޒެސް ކިޔާ ކުންފުންޏެއްގެ ނަމެވެ. އެކުންފުނިން 47 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތައް
100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ – އެއް ކުންފުނި
100 މިލިއަނާއި 10 މިލިއަނާ ދެމެދު ފައިސާ ނުދައްކާ – 15 ފަރާތެއް
10 މިލިއަނާއި އެއް މިލިއަނާ ދެމެދު ފައިސާ ނުދައްކާ – 56 ފަރާތެއް
އެއް މިލިއަނަށް ވުރެ ގިނަ ނޫން އަދަދަކަށް ފައިސާ ނުދައްކާ – 606 ފަރާތެއް
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެނެވެ. ފުރަތަމަ މަރުހަލާގައި މައުލޫމާތު ޝާއިއުކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގައެވެ. އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް އެ މައުލޫމާތު ޝާއިއު ކުރާނެ އެވެ.




