އުރީދޫ މޯލްޑިވްސްއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އުރީދޫ މޯލްޑިވްސް އިން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 0.9 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން މި އަހަރުގެ ދެވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގެ އާމްދަނީ ވަނީ 1.8 ޕަސެންޓް އިތުރުވެފަ އެވެ.
އުރީދޫއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.
އެ ގޮތުން މޯބައިލް ހިދުމަތްތަކުން 404.8 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 143.7 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 557،000 ރުފިޔާ ލިބުނެވެ.
ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގައި 212.2 މިލިއަން ރުފިޔާ ވަނީ ފައިދާވެފަ އެވެ.
ޓެކުހަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.




