ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 66،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދަކީ 66،030 އެވެ.
މީގެ ތެރެއިން 67 ޕަސެންޓް ހުރީ ރިސޯޓުތަކުގަ އެވެ. އެގޮތުން 176 ރިސޯޓެއްގައި 44،239 އެނދު ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގެ 111 ރަށެއްގައި ހިންގާ 934 ގެސްޓްހައުސެއްގައި 16،060 އެނދު ހުރިއިރު މިއީ ޖުމްލަ އެނދުގެ 24 ޕަސެންޓެވެ.
ފަތުރުވެރިކަމަށް ބޭނުންކުރާ 164 ޓޫރިސްޓް އުޅަނދެއްގައި 3،247 އެނދު ހުރިއިރު ނުވަ ރަށެއްގައި ހިންގާ 16 ޓޫރިސްޓް ހޮޓަލެއްގައި 2،484 އެނދު އެބަހުއްޓެވެ.




