އެމްޕީއެލްގެ މާލޭގެ މައި ބަނދަރު ސަރަހައްދު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ބިދޭސީއަކާއި ދިވެއްސެއް މަރުވި އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އެމްޕީއެލް އިން ތަހުގީގުކުރުމަށްފަހު އާއްމުކުރި ވަގުތީ ރިޕޯޓްގައި ބުނީ މި އޮޕަރޭޝަންގައި ދެ އެކްސްކެވޭޓަރު އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިން ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލްކަން ހުރި މީހެއް ނޫން ކަމަށާއި އޭނާގެ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސާއި ނިޔަމިކަމުގެ ސެޓްފިކެޓްވެސް ނެތް ކަަމަށެވެ.
ރިޕޯޓްގައިވަނީ ލޭންޑިން ކްރާފްޓްގެ ސަލާމަތީ ކަންކަމާއި އެހެން ކަންތައްތައް ގަވާއިދަށް ފެތޭކަން ފާހަގަކޮށްފަ އެވެ. ނަމަވެސް މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައި ނުވުމާއި، ދަގަނޑު ޑެކެއްގައި މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮތްކަމާއި އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން ކަށަވަރުކުރަންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަން ކަމަށެވެ. ކެޕްޓަން ދިން އިރުޝާދާ އެއްގޮތަށް ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
މަސައްކަތް ނިންމާލި ފަހުން އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެމްޕީއެލްއިން ބުނީ ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް ފުރިހަމަކޮށްފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތައް ގަވާއިދާއި އުސޫލުގެ ތެރެއިން ބެލުމަކީ އެމްޕީއެލްއިން ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ރިޕޯޓްގައިވެ އެވެ. ނަމަވެސް މުރާޖައާކޮށް އުސޫލު މިހާރު ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށްވެސް އެމްޕީއެލްގެ ރިޕޯޓްގައި ބުނެފައިވެ އެވެ.




